ވެރިރަށް މާލޭގައި އިދިކޮޅު ފަރާތްތަކުން ޖެއްސެވި ދޮރުން-ދޮރަށް ކެމްޕޭނުން އަންދާޒާ ކުރެވޭ ގޮތުގައި 77 އިންސައްތަ ރައްޔިތުން ވޯޓު ދޭނީ މިވެރިކަން ނިމުމަކަށް ގެންނަން، އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮރުން ދޮރަށް ހިނގުމުން ނަތީޖާ ސާފު ވެފައިވާ ކަމަށެވެ. އަދި މުުޅި މާލޭގެ 77 އިންސައްތަ ރައްޔިތުން ތިބީ އިބޫއަށް ވޯޓު ދިނުމަށް ވައުދުވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ފަރާތުން، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ އަންދާޒާ ކުރެވޭ ނަތީޖާއެއް އިއުލާން ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު އަންދާޒާ ކުރަނީ ރައީސް ޔާމީނަށް 85 އިންސައްތަ ވޯޓު މާލެއިން ލިބޭނެ ކަމަށެވެ.
ނަޝީދު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވެފައިވަނީ އެބޭފުޅުން ކުރެއްވި ކެމްޕޭނުން ރައީސް ޔާމީނަށް ފަސޭހަކަމާއެކު 85 ޕަސެންޓު ވޯޓު މާލެއިން ލިބުމާ މެދު ޝައްކެއް ނެތް ކަމަށެވެ.
އިންތިޚާބަށް ދުވަސް ކުޑަތަން ވެފައިވާއިރު ވާދަކުރާ ދެކެންޑިޑޭޓުން ކަމަށްވާ، ރައީސް ޔާމީނާއި އިބޫ ސޯލިހް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބާރަށް ކެމްޕޭނު ކުރައްވަމުންނެވެ.