Last Updated: June 12, 11:16
Friday, June 12, 2026
ރިޕޯޓް

ޕީޕީއެމްގެ ފޯކަސް އިލްޔާސުއަށް!

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަވެ، ކެންޑިޑޭޓުންނާއި ރަނިންމޭޓުން އެކަކު އަނެކަކަށް ބަދަލު ކުރަމުން ދިޔަ ހަމަލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ޝެއިހް އިލްޔާސް ދެއްވި ދަރުސާއި އެކު މުޅިން ވައި ބަދަލުވެ، ފޯކަސް އިލްޔާސްއަށް އަމާޒުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާއްމު އެއްވުން ތަކުގައި ތަގްރީރު ކުރެއްވުން މަޑުޖެހިފައިވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ފައިސަލް ނަސީމުއަށް ތާއިދު ކުރައްވާކަން އިއްލާން ކުރައްވައި، އަނިޔާވެރިކަން ނިންމަން ހުރިހާ ރައްޔިތުން ނިކުތުމަށް ގޮވާލާފައެވެ.

ގުރުއާނާއި ސުންނަތުގެ އަލީގައި ޝެއިހް އިލްޔާސް ދެއްވި ދަރުސާއި އެކު ޝެއިހް އިލްޔާސަށް އެންމެ ބޮޑު ފާޑު ކިއުންތައް އަމާޒު ކުރެއްްވީ އެމަނިކުފާނާއި އެކު އަދާލަތު ޕާޓީގައި ހަރަކާތްތެރިވި މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިލްޔާސަށް ރައްދުދެއްވައި ޝަހީމް ވިދާޅުވީ ކޮންމެ ފަސްއަހަރަކުން ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހުކުމް ޖެހުމަކީ ދީނީ އިލްމުވެރިންނަށް ލާޒިމް ކަމެއް ނޫންކަމަށެވެ.

"އިލްމުވެރިންނަށް އޮތް ހައްގެއް ނޫނޭ ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކަށް ކޮންމެ ފަސް އަހަރަކުން ހުކުމެއް ޖެހުމަކީ. އެއީ އިލްމުވެރިން ކުރަންޖެހޭ ކަމެއް ނޫނޭ."

މީގެ އިތުރުންވެސް ޝަހީމް ވިދާޅުވީ ހައްގު ބަސް ބުނުމުގެ ނަމުގައި އުސޫލުތައް މުގުރާލައި، ހިތަށް އެރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިލްމުވެރިއަކު ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ޖަލްސާގައި އިލްޔާސް ވިދާޅު ވީއެ ބޭފުޅާއަށް ވެސް ޚުތުބާއެއް ކިޔައިގެން ޓެރަރިސްޓް އަމަލެއް ކުރި ކަމަށް ދައުވާ ކޮށްފަ 12 އަހަރުގެ ހުކުމެއް ޖަހައިގެން ގެންދިޔަ ކަމަށާއި އެ ބޭފުޅާގެ ދޫ ނުހުޅުވުމަށާއި، ހުޅުވީމަ އެތިބަ ވާހަކަތައް ދައްކަން މަޖްބޫރު ވެދާނޭ ކަމަށެވެ.

ޖަލުގައި ތިއްބެވި އެކި ފަރާތްތަކަށް އިޝާރާތް ކުރައްވާ ޝެއިޚް އިލްޔާސް ވިދާޅުވީ ޖަލުގައި "ބިރުފަހަނައަޅާ ދާން އެބަޖެހޭ. އަޅުގަނޑުމެން (އިލްމުވެރިން) އެބަޖެހޭ ސާބިތުވާން. އަޅުގަނޑުމެން ޖެހޭނެ ހައްގުބަސް ބުނަން. މިއަދު ކެތް ނުކުރެވިގެން މި ނިކުތީ. އަޅުގަނޑުމެންގެ ތެރޭގައި ކިތަށް މީހުންނަށްތޯ ޖަލުގައި އަނިޔާތަށް ތަހައްމަލް ކުރަމުން އެގެންދަނީ؟" މިފަދައިންނެވެ.

"މިގައުމުގައި އިސްލާމްދީން އޮންނާނެ. މިހާރު އޮތް ގޮތަށް އަދިފަހުން ވެސް އޮންނާނެ. އިސްލާމްދީނާ ކުޅެލަން މަސައްކަތް ކުރާ ކޮންމެ މީހަކު ނިކަމެތިވާނެ. މިދީން ހަތް އުޑުގެ މައްޗަށް އުފުލިގެންދާނެ. ސަބަބަކީ ﷲ ގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއްގައިވޭ، ހައްގަކީ އަރައިގެންދާނެ އެއްޗެކޭ. ހައްގުގެ މައްޗަށް އަރައިގަންނަ މީހާ ބިންމައްޗަށް ވެއްޓޭނޭ. އެކަން އަޅުގަނޑުމެންނަށް ﷲ ދައްކަވާނެ. އެއީ ﷲ ގެ ސުންނަތެއް" ޤުރުއާންގެ މޫރިތި އާޔަތްތަކުގެ އިތުރުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ދަލީލު ދައްކަވަމުން ޝައިހް ވިދާޅުވިއެވެ.

އިލްޔާސްގެ މިވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވަނީ ޑރ. އަފްރާސީމް އަލީ އާއި ގުޅިގެން އިލްޔާސް ދެއްކެވި ވާހަކަތަކާއި ގުޅިގެން އިލްޔާސް ފުލުހަށް ހާޒިރު ކުރުމަށް ގޮވާލާފައެވެ.

އިލްޔާސް ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ދަރުސަށް ފަހު ރޭ ހުޅުމީދޫގައިވެސް ދަރުސެއް ބާއްވާފައެވެ. ގިނަ ބަޔަކު ބައިވެރިވި އެ ދަރުސާއި އެކު ޕީޕީއެމްގެ ގިނަ ސަޕޯޓަރުން މިހާރު ފެންނަނީ އިބޫ އާއި ފައިސަލް ދޫކޮށްލައްވައި ޝެއިހް އިލްޔާސަށް ފާޑު ކިޔަމުންނެވެ.