މީހުން ޖަލަށްލާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ކޮން ބޭނުމެއް ހާސިލު ކުރަންތޯ ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވައިފިއެވެ.
މިއަދު ރައީސް އދ. މަހިބަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަނުން، ޖަލަށް ލާ ކޮންމެ މީހަކަށް ދެމީހުން ދޫކޮށްލާނެ ކަމަށް ބުނާތީ ފާޑުވިދާޅުވެފައިވެއެވެ. ރައީސް ޔާމީން ވިދާޅުވީ މީހުން ޖަލަށް ލާ ވާހަކަ ދެއްކުމަށް ވުރެ ގާނޫނު ތަންފީޒު ކުރާ ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށެވެ.
ކީއްކުރަންތޯ މީހުން ޖަލަށް ލާ ވާހަކަ އަޅުގަނޑުމެން ދައްކަންވީ. އަޅުގަނޑުމެން އެއަށްވުރެ ރަނގަޅުވާނެ ދެއްތޯ ގާނޫނު ތަންފީޒުކުރާ ވާހަކަ ދައްކައިފިއްޔާ،" ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ ސަރުކާރާ ހިތްހަމަނުޖެހެނީ ވެސް ގާނޫނު ތަންފީޒު ކުރާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ބަހުގެ ހަމަލާތައް ކޯލިޝަނަށް އަނެއްކާވެސް އަމާޒު ކުރައްވާފައިވެއެވެ.
ސަރުކާރުން ހުށައެޅި މަޝްވަރާގެ ދައުވަތު އިދިކޮޅުން ގަބޫލުނުކުރީ ވެސް ޖަލަށް ލާފައި ތިބި އިދިކޮޅު މެމްބަރުންނާއި ލީޑަރުން މިނިވަން ނުކުރާތީއެވެ.