Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އާގިލް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދަނީ

ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު --

މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) ކަމަށޭވެ.

އަދި ހަމްދޫން ހަމްޒަތު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އާގިލް އަށް ވަޅިން ހަމާލާދީ މަރާލާފައި ވަނީ އެމްއެމްއޭ ކައިރިންނެވެ. އެ ހަމަލާއާއި ގުޅިގެން ފަރުވާ ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދެވުނު އިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ގައުމު ހަލަބޮލިކޮށް ނުރައްކާތެރި އަމަލުތައް ހިންގަން ހިތްވަރުދޭ ނުވަތަ ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދީފައެވެ.