ގާތްގަނޑަކަށް ތިން އަހަރަށް ފަހު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެމްޕެއިނަށް ކާނިވާ ސަރަހައްދު ދޫކުރަން ހައުސިންގ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ހައުސިންގ މިނިސްޓްރީން އެގޮތަށް ނިންމީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އިން އެދުމުންނެވެ.
ހައުސިންގ މިނިސްޓްރީން އެމްޑީޕީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މި މަހުގެ 8 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 00:00 އާއި ހަމައަށް އެ ޕާޓީގެ ކެމްޕެއިން ޙަރަކާތްތަށް ކާނިވާ ސްޓޭޖް ސަރަޙައްދުގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ދާދިފަހުން ވެސް އެމްޑީޕީ އިން ވަނީ އިދިކޮޅު ފަރާތްތަކުގެ ބޮޑު ޖަލްސާއެއް ބާއްވަން ކާނިވާ ދިނުމަށް ހައުސިންގ މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް އެ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެ ފަހަރު ކާނިވާގެ ބަދަލުގައި އެމްޑީޕީ އަށް ދޫކުރީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމެވެ.
އެކަމަކު ހައުސިންގ މިނިސްޓްރީ އިން ދަރުބާރުގޭ ދޫކުރާނެ ކަން އެންގީ މާ ލަހުން ކަމަށްވާތީ، ތައްޔާރީތައް ވުމަށާއި އިސްތިހާރުކޮށް ހަދަން ވަގުތު ނެތުމުމުގެ ސަބަބުން އެ ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.
އެމްޑީޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފައިވާ އިރު މިދިޔަ ދުވަސްތަކުގެ ތެރޭގައި ޕީޕީއެމްގެ ގިނަ ޖަލްސާތަކެއް ވަނީ ކާނިވާ ސަރަހައްދުގައި ބާއްވައިފަ އެވެ.
އެގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ވެސް ކާނިވާ ސަރަހައްދުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.