Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހައްޔަރުކުރި އަންހެން ކުދިންގެ ބަންދަށް 15 ދުވަސް

އަންހެން ކުއްޖާއަށް އަނިޔާކުރި ވީޑިއޯގެ ސްކްރީންޝޮޓެއް

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާއު ގުޅިގެން ފުލުހުން އެމައްސަލައިގެ ތަހުޤީޤަށް ހައްޔަރުކުރި ދެ އަންހެން ކުދިންގެ ބަންދަށް ޖުވެނައިލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ވީޑިއޯގައި ހަމަލާ ދީފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ ނަޝްފާ ހަސަންއަށެވެ. އެ ވީޑިއޯ އިން ދެ އަންހެން ކުދިން ނަޝްފާއާ ހުތުރު ބަހުން މުޚާތަބުކޮށް މޫނުމަތީގައި ޖަހާތަން ވެސް ފެނިގެން ދެއެވެ.

މިމައްސަލަ ފުލުހުންނަށް ހުށައެޅުމުން ފުލުހުން މައްސަލައިގެ ތަހުގީގު ފަށައި، ކޯޓު އަމުރަކާއެކު ދެ އަންހެން ކުދިން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރާއި 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން ދެ ކުދިންނެއް ކަމެއް އަދި ނޭނގެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯއިން ފެންނަނީ ތިން އަންހެނުން ހިމެނޭ ގްރޫޕަކުން ދުވާލުގެ ވަގުތެއްގައި އަންހެން ކުއްޖަކު ހުޅުމާލޭގައި ޗައިނާ އިން އަޅާފައިވާ ފްލެޓެއް ކައިރިއަށް ގެންގޮސް، އެ އަންހެން ކުއްޖާގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ މަންޒަރެވެ. އަދި އެތަނުން އޭނާ ދޫކޮށްލަންވީ އޮރިޔާންކުރުމަށްފަހު އޭ ވެސް ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެތަށް ބައެއްގެ ފާޑު ކިޔުން ބުލީ ކުރާ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަބޫލުކޮށް ސޯޝަލް މީޑިއާގައި މާފަށް ވެސް އެދިފަ އެވެ.