Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިންތިޚާބުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ފުލުހުންގެ އޮޕަރޭޝަނެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންކަމަށްވާ “އޮޕަރޭޝަން ބްލޫ ވޭވް 2018” ރަސްމީކޮށް ފަށައިފިއެވެ.

މިއޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ ކޮންފަރެންސްގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައެވެ.

އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައި ދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދަޢުރެއް އަދާކުރާ ބަޔަކަށްވުމާއެކު ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅުމަށް އެދިލެއްވިއެވެ. އަދި އޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި، މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތި ވާނެކަމަށާއި ޚާއްސަކޮށް އަތޮޅުތަކުގައި ހުރަސްތައް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިބުމަށް އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ދާނެގޮތުގެ މަޢުލޫމާތާއި އެކްސަސައިޒްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުވެސް ހިއްސާކޮށްފައެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޜަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި މާލެ އާއި އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެގޮތުން މާލޭގައި މިހާރުވެސް ޚާއްޞަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، ރަށްތަކުގައި އަމަން އަމާންކަން ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއްދީގެން ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.