އަލަށް ޗާޕްކޮށްގެން ގެނެސްފައިވާ 10ރ. އާއި 100ރ. ގެ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރެފި އެވެ.
އެމްއެމްއޭ އިން ބުނީ "ރަން ދިހަ ފަހެއް" ނޫޓު ސީރިސްގައި ހިމެނޭ 10ރ. އާއި 100ރ. ގެ ނޫޓު އަލުން ޗާޕުކޮށްފައި ވަނީ އެ ނޫޓުތަކުގެ ސްޓޮކް ދަށްވުމުން ކަމަށާއި، އަލަށް ޗާޕްކުރި ނޫޓުތައް މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އަށް ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.
އަލަށް ޗާޕުކޮށްގެން ނެރޭ 10ރ. އަދި 100ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ އާ ގަވަރުނަރު އަލްފާޟިލް އަޙުމަދު ނަޞީރު އެވެ. މިއީ ނަސީރުގެ ސޮޔާއެކު ޗާޕުކޮށްގެން ނޫޓު ނެރުނު ފުރަތަމަ ފަހަރެވެ.
މި ދެ ނޫޓުގައިވާ ތާރީޚަކީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 ކަމަށާއި، އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.