Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ވޯޓު ލާ ދުވަހަކީ ނުފޫޒު ފޯރުވޭނެ ދުވަހެއް ނޫން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓް ގދ. ނަޑެއްލާ ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ރިޔާސީ އިންތިހާބަށް ވޯޓްލާ ދުވަހަކީ ރައްޔިތުންގެ މައްޗަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ ދުވަހެއް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ގއ. އާއި ގދ. އަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގދ. ނަޑެއްލާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އިބޫ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ޚިޔާލުތަފާތުވާ ކޮންމެ މީހަކު ނެތިކޮށްލައި ބާރު އޮތީ ހަމައެކަނި އެމަނިކުފާނުގެ އަތުގައިކަން ދައްކައިގެން ކަމަށާއި، ނަމަވެސް އެކަން ރައްޔިތުން ޤަބޫލު ނުކުރައްވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ޢަމަލުތަކާއި ދެކޮޅުހެދި އެންމެން މިއަދު ވަނީ ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރެއާސް ވަދެ ބަންދުކުރެވިފައި ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، 23 ސެޕްޓެމްބަރަކީ ރައްޔިތުން ބަސް ބުނުމަށް ލިބިފައިވާ ދުވަސް ކަމަށާއި، އެދުވަހަކީ އެއްވެސް މީހަކަށް ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ދުވަހެއް ނޫން ކަމަށެވެ.

"ވިސްނުންތެރިކަމާ އެކު ނުކުމެވަޑައިގެން ތިޔަ ބޭފުޅުން ބޭނުންވާ ބަދަލު ގެނައުމަށް ވޯޓު ދެއްވާ. ތިޔަ ބޭފުޅުން ނިންމަވާ ނިންމެވުން ތަންފީޒު ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ވެރިކަމަށް ކުރިމަތިލީ އަދުލު އިންސާފު ޤާއިމްކޮށްދީ، ރައްޔިތުންގެ ގެއްލިފައިވާ ޙައްޤުތައް ހޯދައިދިނުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.