ވޯޓުލުމުގެ ހައްގު ލިބިގެންވާ 3993 މީހުން ތިބި ސ. ފޭދޫގައި ރައީސް ޔާމީނަށް ތާއިދުކޮށް 90 ވަރަކަށް މީހުންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ (އައިބީ) "ޗަސް ޗަސް ނިންމާލަނީ" ނަމުގައި ހިނގާލުމެއް ބާއްވައިފިއެވެ.
ޕީޕީއެމް ފޭދޫ އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގައި އެންމެ އިސްކޮށް ހުންނެވީ މެމްބަރު އައިބީއެވެ.
ވޯޓަށް 19 ދުވަހަށް ވެފައިވަނިކޮށް ފޭދޫގައި މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް ޔާމީނަށް ތާއިދުކޮށް ލަވަ ޖަހަމުން ދިޔަ އިރު ބައެއް ފަރާތްތަކުން ލައިން އެއްވަރު ކުރުމަށާއި ދުރު ދުރުގައި ނުތިބުމަށް އެދެމުން ދިޔައެވެ.

ޕީޕީއެމްއިން މިއަދު ކުރިއަށްގެންދިޔަ ބުރަށް ޒުވާނުންގެ މާބޮޑު ބައިވެރިވުމެއް ފެނިގެން ގޮސްފައި ނުވެއެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ހިނގާލުމުގައި ބައިވެރިވި މީހުންގެ ތެރޭގައިވެސް ރައީސް ޔާމީނަށް ވޯޓު ނުދެއްވާނެ މީހުން ތިބި ކަމަށެވެ. އަދި އެ މީހުން ހިނގާލުމުގައި ބައިވެރިވީ މަޖްބޫރީ ސަބަބުތަކެއް ހުރެގެންކަމަށް އޭނާ ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީނަށް އައްޑޫން ތާއިދެއް ނެތްއިރު ފާއިތުވި ކައުންސިލް އިންތިހާބުންވެސް ޕީޕީއެމްވަނީ ބަލިވެފައެވެ. ޕީޕީއެމްގެ ބައެއް އިސްވެރިންވެސް ވަނީ އެޕާޓީއަކީ އައްޑޫގައި މައިނޯރިޓީ ޕާޓީއެެއްކަމަށް ވިދާޅުވެފައެވެ.