ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅާއި ދަރިކަލުން ފާރިސް މައުމޫނާއި އެތައް ބަޔަކު ޖަލަށް ލާފައިވަނީ ނަޝީދުގެ ސަބަބުން ކަމަށް ވިދާޅުވުމުން ނަޝީދުގެ ފާޑުކިޔުންތައް ރައީސް ޔާމީނަށް އަމާޒުވެއްޖެއެވެ.
ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ރައީސް ލައްވާ މީހުން ހައްޔަރުކުރުވި ކަމަށް ބުނެފައިވަނީ، ރައީސް ޔާމީނަކީ އެމަނިކުފާނުގެ ޕަޕެޓެއްތޯ އެވެ. "ރައީސް ޔާމީން، މަނިކުފާނު ތިޔަ ވިދާޅުވަނީ މަނިކުފާނު ލައްވާ އަޅުގަނޑު، މަނިކުފާނުގެ ބޭބެ ރައީސް މައުމޫނާއި ދަރިކަލުން އަދި އެތައް ބަޔަކު ހައްޔަރު ކުރުވީ ކަމެއްތޯ؟ މަނިކުފާނަކީ އަޅުގަނޑުގެ ޕަޕެޓަކީތޯ؟" ނަޝީދު ވިދާޅުވިއެވެ.
Raees Yameen,Manikfaanu thiya vidhaalhuvanee Manikfaanu lavvaa alhugandu Manikafaanuge ehbafaa beybe Raees Maumoon aai dharikalun adhi ethah baeh hayyaru kuruvee kamah tho? Manikfaan akee alhuganduge puppetekey tho? Raajjeyge enme beyfulhun visnavaa, Hon @ibusolih ah vote dhevvaa
— Mohamed Nasheed (@MohamedNasheed) September 4, 2018
ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން އިއްޔެ، އދ. މަހިބަދޫގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ނަޝީދަށް ފާޑުވިދާޅުވަމުން ރައީސް ވަނީ ހަގީގަތުގައި މައުމޫނާއި ފާރިސް އަދި އެތައް ބޭފުޅުން ޖަލަށް ދާން ޖެހުނީ ނަޝީދުގެ ސަބަބުން ކަމަށެވެ. އަދި އެއްވެސް ހަމައެއް، އުސޫލެއް ނެތި ޝަރީއަތް ކުރަން ބޭނުންވީ ވެސް ރައީސް ނަޝީދު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ޖަލަށް ލެވިފައިވާ ގިނަ ސިޔާސީ ލީޑަރުން ޖަލަށް ލައި ސިޔާސީ ދާއިރާއިން އެކަހެރި ކޮށްލަން ނަޝީދު ބޭނުންވި ކަމަށާއި، ފާޅުގައި އެގޮތަށް ގޮވަމުން ވެސް ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު އެކަން ކާމިޔާބު ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ލީޑަރުން ޖަލަށް ލާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަން ފާހަގަކޮށްލެވެއެވެ.