މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ރޭ ވެސް ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ޖަނަވަރީ މަގުގައި ހުރި މީހަކަށް ހަމަލާދިނީ ގްރޫޕަކުން އައި ބައެއް ކަމަށް ޚަބަރު ލިބިފައިވެއެވެ. މިހާދިސާ ގައި ޒަޚަމްވި މީހާ ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލުން ވަނީ އޭނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ސްޓޭބަލް ވުމުން ދޫކޮށްލާފައެވެ. އެނގިފައިވާ ގޮތުގައި ހަމަލާ ދިން މީހުން ވަނީ އޭނާގެ ބުރަކައްޓަށް ވަޅި ހަރާފައެވެ.
މާރާމާރީތަކުގައި 18 އަހަރުގެ ޒުވާނަކު ދާދި ފަހުން ވެސް މަރުވެފައިވާއިރު ފުލުހުން ވަނީ މަގުތައް އަމާންކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށާފައި ކަމަށް އެއިދާރާއިން މައުލޫމާތު ދީފައިވެއެވެ.