ރިޔާސީ އިންތިޚާބު މާދަމާ ބޭއްވިޔަސް 80 އިންސައްތަ ވޯޓާއެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ނިހާން ވިދާޅުވީ އއ. އާއި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބަލިވެފައިވާކަން އެނގިގެން ހިނގައްޖެ ކަމަށާއި، ޚާއްސަގޮތެއްގައި މާމިނގިލިން އެ ތާއީދު ފެނިގެންދިޔަ ކަމަށެވެ.
އަދި ރައީސް ޔާމީން ރަށްތަކަށް ވަޑައިގަތުމުން އުފަލާއެކު އެމަނިކުފާނާ ބައްދަލުކުރައްވާ ރައްޔިތުންގެ ނިސްބަތާއި، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގެންދަވާ ކުޑަކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަމުން ޔަޤީންކޮށްދެނީ އެބޭފުޅުން އެދެމުންދިޔަ ތަރައްޤީތައް ރައީސް ޔާމީން ގެނެސްދެއްވައިފިކަން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އަދި މާދަމާ އިންތިހާބެއް ބޭއްވިޔަސް 80 ޕަސަންޓުގެ އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން 90 ޕަސަންޓު ހާސިލްކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ބަލާއިރު ވައުދުތައް 100 ޕަސަންޓު ފުރިހަމަ ކުރުމަށް ފަހު އިތުރުކަންކަން ވެސް ކޮށްދީފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 30 ދާއިރާއިން 2800 އަށް ވުރެ ގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގާފައިވާކަން ނިހާން ފާހަގަކުރެއްވި އެވެ.