މާލޭގައި ފޭރުމާއި މާރާމާރީ އިތުރުވަމުން އަންނައިރު އެކަމާ އެމްޑީޕީއާ ގުޅުމެއް ވާ ކަމަށް ދޭހަވާ ގޮތަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިން މަނިކު ވާހަކަ ދައްކަވައިފިއެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވަނީ މިކަމުގައި(ކުށް ގިނަވުމުގައި) އެމްޑީޕީގެ އަތެއް ނުވޭތޯ ހިތަށް އަރާ ކަމަށް ވިދާޅުވެފައެވެ. އަދި ކުށް ގިނަވާން މިފެށީ ރައީސުލް ޖުމުހޫރިއްޔާ ވެސް، ވޯޓާ ގުޅިގެން ކުށްގިނަ ވާކަން ފާހަގަކުރައްވާފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅުން ކޮންމެފަދަ ކަމެއްވެސް ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކޮށްފާނެ ކަމަށެވެ. އަދި މިފަދަ ހާލަތެއްގެ ނާޖާއިޒު ފައިދާ، ދުރާލާ ރާވައިގެންވެސް ހިފާފާނެ ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ އެއްވެސް ހެއްކެއް ދެއްކުމެއް ނެތިކަން ފާހަގަކޮށް ލެވެއެވެ. ނިހާން ވަނީ މި ޕްރެސް ކޮންފަރެންސްގައި ކުރީގެ ރައީސް ނަޝީދަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އިދިކޮޅުގެ ރޫހާނީ ލީޑަރެއްގެ ގޮތުގައި ހުރީ އަދި ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ފުލުހުންނާ ތަޅާނެ ބަޔަކު ބޭނުންވެއްޖެއޭ ވިދާޅުވާ ބަޔެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.