އެންމެ ފަހު ވަގުތުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓު ދިނަސް، އޭގައި ސޮއި ނުކުރާނެ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ އިބޫ، މާލޭގައި ފުވައްމުލަކު ކެމްޕޭނު ޖަގަހައެއް ހުޅުވައިދިނުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވަނީ އަދިވެސް ވޯޓުލާ މީހުންގެ ލިސްޓު އީސީން އާންމު ނުކުރާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އެމައްސަލާގައި އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުން ވެސް ކެންސަލް ކޮށްފައިވާ ކަމަށާއި ގަސްދުގައި ލަސްކުރަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން ފަހު ވަގުތު، ލިސްޓު ސައްހަތޯ ބެލުމަށް ފުރުސަތު ނުދީ ސޮއިކުރަން ދިނަސް އެކަން ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.
އިބޫ ވަނީ އީސީން އުޅެނީ ވޯޓުން މަކަރު ހެދުމަށް ކަމަށް ކުރިންވެސް ވިދާޅުވެފައެވެ.