ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އައްޑޫ މީދޫގައި އެންމެ ފަހަކަށް ހުޅުވި "އެޑްވާންސް" ޖަގަހައިގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް ރޭ ފަތިހު އަންދާލުމާ ގުޅިގެން ދާއިރާގެ މަޖިލިސް މެމްބަރު އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަޖަމު ނުވިޔަސް މިއީ ބޮޑުވަރު ކަމަށާއި ޖަގަހަ ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.
މީދޫގައި އިދިކޮޅުން "އެޑްވާންސް" ޖަގަހަ ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ޖަގަހައިގައި ރޯކޮށްލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.
ރޯވެފައިވަނިކޮށް ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލިފާންގަނޑު ނިއްވާލެވުނު އިރު ޖަގަހަ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.