ރައީސް ޔާމީން ކުދިންނަށް ޓެބްލެޓު ދެއްވިޔަސް، އިދިކޮޅު ސަރުކާރެއްގައި ކިޔަވާ ކުދިންނަށް ދޭނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ދޮންކެޔޮ ވަކަކާއި ކިރު ތައްޓެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދުގެ ސިޔާސަތަކަށް ކޮންމެ ކިޔަވާ ދަރިވަރަކަށް ދޮންކެޔޮ ވަކަކާއި ކިރުތައްޓެއް ދިނުމަށް ކުރިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ވަނީ ދާދި ފަހުން އެކަމަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބައްސަވާނީ ދޮންކޭލާ ކިރުތަށި ނޫން ކަމަށާއި، ކުދިންނަށް ދޭނީ ޓެބްލެޓު ކަމަށެވެ. ރައްދުގައި މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަނިކުފާނު ޓެބްލެޓު ބެއްސެވިޔަސް އެބޭފުޅުން ކުދިންނަށް ދޭނީ އެންމެ ފައިދާ ހުރި ދޮންކޭލާ ކިރުތަށި ކަމަށެވެ.
"ކުއްޖާއަށް ޓީޗަރު ކިޔަވައިދޭ އެއްޗެއް އެނގޭނީ ހަކަތަ ހުރެގެން. މަނިކުފާނު ޓެބްލެޓު ބައްސަވާ. އަޅުގަނޑުމެން އެކުދިންނަށް ދޭނީ އެންމެ ފައިދާބޮޑު ދޮންކޭލާ ކިރުތަށި."
މިސަރުކާރުން ވަނީ ކުދިންގެ ކިޔެވުމަށް ލުއިފަސޭހަ ކުރުމަށް ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދިނުމަށް ނިންމައި، މިއަހަރު އެކަން ފައްޓަވާފައެވެ.
ނަމަވެސް ޓެބްލެޓަށް އެހާބޮޑު ތަރުހީބެއް ކުދިންގެ ފަރާތުން ލިބެމުން ނުދާ ކަމަށް ބައެއް ސްކޫލްތަކާއި ޓީޗަރުން އަންނަނީ ބުނަމުންނެވެ.