ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްސާވް ކުރުމަށް ބައިނަލް އަގުވާމީ 85 އޮބްސާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.
އެގޮތުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއި ނޫސް އޭޖެންސީތަކުން 51 އޮބްސާވަރުންނާއި 34 މޮނީޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.
އިންތިޚާބު އޮބްސާވް ކުރަން ޓޫރިސްޓު ވިސާގައި ރާއްޖޭގައި ހަރަކާތްތެރިވާކަން އެނގިއްޖެނަމަ އެފަރާތެއް ޑީޕޯޓު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ އޮބްސާވަރުންވެސް ރާއްޖޭގައި އިންތިޚާބު އޮބްސާވް ކުރުމަށް ހަރަކާތްތެރި ވެވޭނީ ބިޒްނަސް ވިސާގައި އައުމުން ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި އދ. ގެ އެއްވެސް އޮބްސާވަރަކު ނުހިމެނެއެވެ. އދ. އިން، އިންތިޚާބު އޮބްސާވް ކުރުމަށް އޮބްސާވަރުން ނުފޮނުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.