ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ބޭސްފަރުވާ ފޯރުކޮށްދިނުމަށް މާލެ ގެންގޮސްފިއެވެ.
އަދީބު މާލެ ގެންގޮސްފައި މިވަނީ ހާލު ދަށް ވެފައިވަނިކޮށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ބޭސްފަރުވާއަށް މާލެ ނުގެންގޮސް ބެހެއްޓުމަށްފަހުގައެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސްކަން އެނގުނީ އެކަހެރި ބައްދަލުވުމުގައި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެކަން ފާހަގަކުރެއްވުމުން ކަމަށް އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެފައިވެއެވެ. އަދި އެގޮތުން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައުން ހުއްޓިފައި އޮތުމަށް ފަހު، އާއިލާއަށް އަދީބުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަން ކަށަވަރު ވުމުން ބުދަ ދުވަހު ހެނދުނު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.
އަދީބު ޖަލަށްލީ ފަހުން ސިއްހީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން އަދީބަށް ލަފާ ދެއްވާފައިވާއިރު، ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.
އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.