މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނަންތައް ހިމެނޭ އެންމެ ފަހުގެ ވޯޓާސް ލިސްޓް އާންމުކޮށްފި އެވެ.
ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފައި ނުވާތީ ގުޅިފައިވާ ޕާޓީ ތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައިވާ ގޮތުން މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 262،135 މީހުންނަށެެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމުލަ 472 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މީގެތެރެއިން 122 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ މާލޭގަ އެވެ. މީގެއިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއަލަލަމްޕޫރާއި، އިންޑިއާގެ ޓްރިވެންޑްރަމާއި، އަދި ސްރީލަންކާގެ ކޮލޮމްބޯގައި ވެސް ވޯޓު ފޮޓި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.