Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ތެޔޮ ޓޭންކަރާއި ރައީސް ޔާމީނާއި ގުޅުމެއް ނެތް: ފުލުހުން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން - ފޮޓޯ: މުހައްމަދު ޝަރުހާން (ރާއްޖެއެމްވީ)

އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކާއި މުއާމަލާތްހިންގި ކަމަށްބުނާ ދިވެހި ޓޭންކަރާއި ރައީސް އަބުދުﷲ ޔާމީނާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދަކައްވަމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރަކުން އުތުރުކޮރެޔާގެ ތެޔޮ ޓޭންކަރަކާއި، ކަނޑުމަތީގައި މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުޤީޤުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، އެ މައްސަލައިގެ ޝަރީއަތް ފަށައި، ދެ އަޑުއެހުން މިހާތަނަށް ބާއްވާފައިވާއިރު އެކަމުގައި ތުހުމަތު ކުރެވޭ މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މައްސަލައިގައި އެއްވެސް ފަރާތުން ރައީސް ޔާމިންގެ ބައިވެރިވުމެއް އެކަމުގައިވާކަމަށް ބުނެފައިނުވާ ކަމަށާއި، އަދި އެފަދަ ހެއްކެއްވެސް ލިބިފައިނުވާ ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.

ޝިފާން ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް އަދި ފުލުހުންނާއި މެދު ނަފްރަތު އުފެދޭގޮތަށް ދައްކާ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.

"ދިވެހި ގައުމުގެ ހަމަޖެހުން ދަމަހައްޓައި، އިންސާނީ ކަރާމާތަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަަން ފަސް ޖެހުމެއް ނެތި، ގައުމާއި ދީނާއި ހައްގުގައި އަޅުގަނޑުމެން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ޝިފާން ވިދާޅުވި އެވެ.