Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމްގެ ކެމްޕެއިނުގެ ސަބަބުން ސަޕޯޓް އިތުރު ވަނީ އިދިކޮޅަށް: މާރިޔާ

ފޮޓޯ: އަވަސް

ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިއަށްގެންދާ ކެމްޕެއިން ޙަރަކާތްތަކުގެ ސަބަބުން ސަޕޯޓް އިތުރުވަނީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކަމަށް އޭނާގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެގޮތުން މާރިޔާ ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ސަޕޯޓަރުންނާ ދޭތެރޭ އަމަލު ކުރަމުންދަނީ އަނިޔާވެރިކޮށް ކަމަށެވެ. އަދި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބި އާންމުންގެ ސަޕޯޓް ވެސް އިދިކޮޅު އިއްތިހާދަށް ލިބޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއިން މި ފެންނަމުން ދަނީ ވަޅި ޖެހުމާއި، މާރާމާރީ ހިންގުމާއި ހަމަނުޖެހުންތަކެއް ހިންގާފައި ހަމައެކަނި އެއް ފަރާތަށް ތިބޭ މީހުން ހައްޔަރު ކުރުން ކަމަށާއި، އެއީ ދިވެހި ރައްޔިތުން އެންމެ ނަފްރަތު ކުރާ ކަންތައް ކަމަށެވެ.

އަދި ފުލުހުންނާއި ސިފައިންނަށް ސަރުކާރުން ނުފޫޒުފޯރުވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެކަމުގެ ސަބަބުން ފުލުހުން ތިބީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައި އަދި ހިތްހަމަނުޖެހިފައި ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.