Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

"އެޑްވާންސް ޖަގަހަ" ރޯކުރި ފަރާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ތަހުޤީޤުކުރުމަށް ގޮވާލައިފި

މީދޫ 'އެޑްވާންސް' ޖަގަހަ ހުޅުވުމަށް އޯގަސްޓް 31 ގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އިދިކޮޅު ސަޕޯޓަރުން. ފޮޓޯ: ޝާހިދު

އައްޑޫ ސިޓީ މީދޫގައި ހުންނަ އެމްޑީޕީގެ “އެޑްވާންސް ޖަގަހަ” ރޯކޮށް އަންދާލި މައްސަލަ ތަހުޤީޤުކުރުމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޖަރީމާ ކުށްވެރި ކުރާ ކަމަށާއި، އެ ޢަމަލު ހިންގި މީހުންނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ބަލައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެޑްވާންސް ޖަގަހަ ރޯކޮށްލުމާއި، އެހެނިހެންވެސް މިބާވަތުގެ ޖަރީމާތަކަކީ ބަޔަކު އަޑީގައި ތިބެ، ދުރާލާ ރާވާއިގެން، ރިޔާސީ ކެމްޕޭނަށް ހީނަރުކަން ގެނައުމަށާއި، ކެމްޕޭނުގެ ޙަރަކާތްތެރިންނަށް ބިރު ދެއްކުމަށް ހިންގާ ނޭއްގާނީ ޖިނާޢީ ޢަމަލުތަކެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

"އަދި ސެޕްޓެންބަރު 23، 2018 ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިޙަށް އޮތް މަތިވެރި، ތާޢީދާއި، ތަރުޙީބު ހަޖަމުކުރުމަށް ދަތިވާ ބަޔަކު ހިންގާ ވިޔަޔާނުދާ ކަންކަންކަމުގައި މެނުވީ މިޕާޓީން ނުދެކެމެވެ."، އެ ބަޔާނުގައި ވެއެވެ.

"ރިޔާސީ ކެމްޕޭނަށް ދަމާފައިހުރި ދިދައާއި، ފޮތިގަނޑާއި، ޕޯސްޓަރު ނެއްޓުވުމާއި، އެތަކެތި ހަރުކުރުމުގައި ޙަރަކާތްތެރިވާ މީހުން ހައްޔަރުކުރުމާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕޭނު ވަދުފުތަކަށް މަރުޙަބާކިޔަން ނުކުންނަ ސިވިލް ސަރވަންޓުންނާއި، ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުން މަޤާމުން ވަކިކުރުމާއި، ދުރު ރަށްރަށަށް ފޮނުވާލުމާއި، ކެމްޕޭނު ޖަލްސާ ބާއްވާނެ ބިމެއް ދިނުމަށް ދެކޮޅުހެދުމާއި، ޕަބްލިކް ސަރވިސް މީޑިޔާ މެދުވެރިކޮށް ޖަޒީރާ ރާއްޖެ ކެމްޕޭނާ ގުޅުވައި ދޮގު ޚަބަރު ފެތުރުމާއި، ވޯޓު ޙައްޤުވާ މީހުންގެ ލިސްޓުގެ ސައްޙަކަން ކަށަވަރުކުރެވޭނެގޮތް ނެތުމާއި، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި މިސަރުކާރުގެ އެތައް ސިޔާސީ މަޤާމެއް ފުރުއްވާފައި ހުންނެވި އަދި ރައީސް ޢަބްދުﷲ ޔާމިންގެ ކެމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކު ހުންނެވުންފަދަ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭ އެތައްކަމެއް ހިނގަމުންދިޔަނަމަވެސް، ރިޔާސީ އިންތިޚާބަށް އެކަށީގެންވާ މާހައުލެއް އޮތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑީވްސް އިން ބުނެފައިވާކަމުގެ ހެއްވާކަން މިދަނޑިވަޅުގައި ފާހަގަކުރަމެވެ."، އެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ އިން ބުނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކުރެވޭ ކެމްޕޭނަށް ހުރަސްއެޅުމަށް ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓާލައި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ސަލާމަތީ ޚިދުމަތްތަކާއި، އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އެމްޑީޕީ އިން ވަނީ އެޑްވާންސް ޖަގަހަ ރޯކޮށްލުންފަދަ މާލާއި، ޖާނަށް ގެއްލުންވާ މަގުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާ ތަޙްޤީޤުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭންޖެހޭ ޤާނޫނީ ޙިމާޔަތާއި، ރައްކާތެރިކަން، ފިކުރުގެ ތަފާތުތަކަށް ބެލުމެއްނެތި ލިއްބައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުވި މީދޫ 'އެޑްވާންސް ޖަގަހަ' މިއަދު ފަތިހު ރޯކޮށްލުމާއި ގުޅިގެން "އައްޑޫލައިވް" އާއި ވާހަކަދެއްކެވި މީދޫގެ އެމްޑީޕީ އެކްޓިވިސްޓަކު ބުނީ ގޮތުގައި ޖަގައިގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ތިބި ސްޕީކަރުތަކާއި އަގުބޮޑު ސާމާނުތައް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އެ ޖަގަހައަށް ލިބުނު ގެއްލުން ބައި 5 ލައްކަ ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.

މީދޫގައި ހުރި އެމްޑީޕީ ޖަގަހައެއްގައި ރޯކޮށްލާފައި ވާއިރު ފާއިތުވި އޯގަސްޓް މަހުގެ ތެރޭގައި މަރަދޫގައި ހުރި އެމްޑީޕީ އޮފީހަކަށް މޫނު ނިވާކޮށްގެން ތިިބި ގްރޫޕަކުން ވަދެ ވަނީ ހަމަލާދީފައެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.