ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން މީޑިއާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސަން އޮންލައިން ނޫހާއި ސަން ޓީވީ ޗެނަލް ހުއްޓާލަން ނިންމައިފި އެވެ.
އެތަނުގެ ބައެއް މުވައްޒަފުންނަށް އެކަން މިހާރު އަންގާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސަން އެފްއެމްގެ ޚިދުމަތް ވެސް ހުއްޓާލާފައެވެ.
އެނގިފައިވާ ގޮތުގައި މި ނިންމުން ކުއްލި ގޮތަކަށް އައުމާ ގުޅިގެން މިއަދު ހަވީރު ސަން މީޑިއާ ގުރޫޕުގެ މުވައްޒަފުންނަށް ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އެންމެ ކުރިން ސަން އެފްއެމްގެ ވެބްސައިޓްގެ ގޮތުގައި ހިންގަމުން އައި ނޫސް، ސަން އޮންލައިންގެ ނަމުގައި ތަރައްޤީކޮށް ގެނެސްދޭން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. ސަން ޓީވީ އަކީ އޭގެ ފަހުން އުފެއްދި ޓީވީ ޗެނަލެކެވެ.
ސަން އޮންލައިނަކީ "ހަވީރު" ނޫހަށްފަހު މިހާރު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އޮންލައިން ނޫހެވެ. މީގެ ކުރިން ރާއްޖޭގައި އޮތް އެންމެ ބޮޑު ނޫސް ކަމަށްވާ ހަވީރު ނޫސްވެސް ވަނީ މައްސަލަތަކެއް ޖެހުމުގެ ސަބަބުން ހުއްޓާލާފައެވެ.