Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އިދިކޮޅާ ގުޅުމުން ފަޒާދު ޕީޕީއެމް އިން ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އިދިކޮޅު ފަރާތްތަކާ ގުޅުނު މައްސަލާގައި އޭނާ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް އެދި އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު އެވެ.

އެގޮތުން ނިހާން ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ޕީޕީއެމްގެ ޕީޖީގެ ވައިބާ ގްރޫޕުން ފަޒާދު ނެރެފައިވާ ކަމަށެވެ.

ފަޒާދު ވައިބާ ގްރޫޕުން ރިމޫވްކުރީ ފޯނު ނުނެގުމާއި ބައެއް ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުމުން ކަމަށާއި،، ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާ ޚިލާފަށް އަމަލު ކުރަމުން ގެންދަވާތީ އާއި ނަސޭހަތް ދިނުމަށް ފަހުގައި ވެސް އެކަން ޤަބޫލުކޮށްފައި ނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ފަޒާދުގެ މައްސަލަ ސުލޫކީ ކޮމިޓީ އިން ބައްލަވާ، އިސްތިއުނާފް މަރުހަލާ ނިންމުމަށްފަހު އިލެކްޝަން ކޮމިޝަނަށް ވީހާވެސް އަވަހަކަށް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ފަޒާދު ޕީޕީއެމް އިން ވަކިކޮށްފިނަމަ، ދާދި ފަހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން އޭނާގެ މެމްބަރުންކަން ގެއްލޭނެ އެވެ.

ފަޒާދު ޕީޕީއެމް އިން ވަކިކުރުމަށް ހުށަހަޅާފައިވާއިރު، އޭނާ މިހާރު ހުންނެވި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގަ އެވެ.

ފަޒާދު ރަސްމީކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ކެމްޕެއިންއަށް ނިކުންނެވި އިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ފަޒާދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފަަޒާދު އިދިކޮޅު ކެމްޕެއިންގައި ހަރަކާތްތެރިވާން ފެށުމުން ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންގެ ތާއިދު އިބޫއަށް ލިބުނީއެވެ.