Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

"ރައީސް ޔާމީން، ނިހާން، އަދުރޭ ތަނަވަސްކަން ހޯދިގޮތް ފުލުހުން އަހާނީ ކޮން އިރަކުން؟"

ރައީސް ޢަބްދުﷲ ޔާމިން އާއި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހްމަދު ނިހާން ހުސެއިން މަނިކު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) އަށް އެހާ ތަނަވަސްކަން ލިބުނީ ކިހިނަކުންކަން ފުލުހުން ތަހުޤީޤު ކުރައްވާނީ ކޮންއިރަކުންތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ޝެއިޚް އިލްޔާސް އަކީ ޢިލްމީ އަދި ޤާނޫނީ ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި، މުސާރައާއި ނުބައްދަލު ތަނަވަސްކަން ހޯދި ގޮތް ރައީސް ޔާމީން އާއި ނިހާން އާއި އަދުރޭ ކައިރިން ފުލުހުން އައްސަވާނީ ކޮން އިރަކުންތޯ އެވެ.

"ތިޔަ މުއައްސަސާ އަކީ ފަހު ވަގުތުވެސް އިސްލާޙުވާން ދަސްނުވި ތަނެއްކަން ކަށަވަރުވެއްޖެ"، ފުލުހުންގެ އިދާރާއަށް އަމާޒުކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން އަށް ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައެވެ.

ހޮނިހިރު ދުވަހު ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިލްޔާސް ވަނީ އަފްރާޝީމްގެ މަރާ ގުޅުން ހުރި، ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އިލްޔާސްގެ މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު، އަހްމަދު ޝިފާން ވިދާޅުވީ، އެފަދަ މައުލޫމާތެއް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ އެ މައްސަލާގައި އިލްޔާސްއާ ސުވާލު ކުރުމަށް އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

އިލްޔާސް ފުލުހަށް ހާޒިރުކުރަން ނިންމާފައި މިވަނީ އެބޭފުޅާ ހައްޔަރުކުރަން ޖެހޭ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ވިދާޅުވިތާ 3 ދުވަހުގެ ތެރޭގައެވެ.