ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާއި ގުޅިގެން ޝެއިހް އިލްޔާސް ހުސެއިން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފުލުހަށް ހާޒިރުވާން އެންގެވިއިރު އިލްޔާސް މިއަދު ހެނދުނު މެލޭޝިއާެއަށް ވަޑައިގެންފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫ ފުޓްބޯޅަ ދަނޑުގައި އިއްތިހާދުން ބޭއްވި ޖަލްސާގައި މަރްހޫމް އަފްރާޝީމް އަލީގެ މަރުގެ މައްސަލާއި ގުޅިގެން އެކަން ތަހްގީގު ނުކުރެވޭތީ އިލްޔާސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާ އަހުމަދު ޝިފާން ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލާގައި އިލްޔާސް ދެއްކެވި ވާހަކަފުޅުތަކަކީ ތަހްގީގަށް ލިބިފައި ނުވާ އާ ވާހަކަތަކެއްކަމަށެވެ. އެހެންވެ އެކަމާއި ގުޅިގެން އިލްޔާސް ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިލްޔާސް މެލޭޝިއާއަށް ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އިލްޔާސް އިއްޔެ ހަވީރު ވަންދެން ހުންނެވީ ފުވައްމުލަކުގައެވެ. ފުވައްމުލަކުގައި އިލްޔާސް ހުންނަވަނިކޮށް އެމަނިކުފާން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމުގެ އަޑުފެތުރިގެން ދިޔައެވެ.