Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޒުވާނުން މިއަށްވުރެ ބޮޑަށް އޮޅުވާލި ސަރުކާރެއް ނޯންނާނެ: ފަޒާދު

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގެ ޒުވާނުން މިއަށްވުރެ ބޮޑަށް އޮޅުވާލި އެއްވެސް ސަރުކާރެއް ދިވެހިން މިހާތަނަށް ދެކެފައި ނުވާކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު ކުރަން ނިންމަވައި، ފާޒާދު ބައިވެރިވެވަޑައިގެން ގެންނެވި ފުރަތަ ޖަލްސާގައި ރޭ ހއ. ހޯރަފުށީގައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވީ ޒުވާނުން މިއަށް ވުރެ ބޮޑަށް އޮޅުވާލި ސަރުކާރެއް ނާންނަ ކަމަށާއި ޒުވާނުންނަށްވީ އެއްވެސް ވައުދެއް ފުއްދައި ނުދޭ ކަމަށެވެ.

ފަޒާދު ވިދާޅުވީ ޒުވާނުންނަށް މި ސަރުކާރުން ސްޕޯޓްސް އެރީނާ ތަކާއި، ގެޓްސެޓް ލޯން ދޭން ވައުދުވިކަމަށެވެ. އެގޮތުން 2500 މީހުންގެ އާބާދީތަކަށް ވެރިކަމުގެ ފުރަތަމަ އަަހަރު ނިމޭއިރު ސްޕޯޓްސް އެރީނާ އަޅައިދޭން ވައުދުވެ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އޭރު އޮތް ކަމަށެވެ. ނަމަވެސް ވެރިކަން ނިމިގެންދާއިރު ޒުވާނުންނަށް އަޅައިދިން އެންމެ ސްޕޯޓްސް އެރީނާއެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފެންނަން ނެތްކަމަށް ފަޒާދު ވިދާޅުވިއެވެ.

"ޒުވާނުންނަށް ސްޕޯޓްސް އެރީނާ އަޅައިދޭން ބުނެ އޮޅުވާލައި އަޅައިދިނީ ހަމަ އެކަނި ފްޓްސަލް ދަނޑެއް، ސްޕޯޓްސް އެރީނާއަކީ، އެތަނުގައި ޖިމްއަކާއިއެކު އެތަށް ކުޅިވަރިތައް ކުޅޭވޭނެ މަލްޓި-ޕާޕަސް ތަނެއް. އެއްވެސް ރަށެއްގައި ނެތް އެ ވިދާޅުވާ ސްޕޯޓްސް އެރީނާއެއް އެޅިފައެއް. ޒުވަނުންގެ ގެޓްސެޓް ވެސް ދިޔާއީ ތާކުން ތާކު ނުޖެހޭ ގޮތަށް"

ފަޒާދު ވިދާޅުވީ ފުޓްސަލް ދަނޑުތަކަކީ އެރީނާ ނޫން ކަމަށާއި އެކަން ޒުވާނުން އޮޅުވާ ނުލުމަށެވެ.

ޒުވާނުންނަށް ގެޓްސެޓް ދޭނެކަމަށް ބުނެ ވެފައިވާ ވައުދަށް އަލިއަޅުވާލައި ފަޒާދު ވިދާޅުވީ، ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި ދޭން ބުނި ގެޓްސެޓް ލޯނު ލިބުނު ޒުވާނަކުވެސް ނެތްކަމަށެވެ.

ފަޒާދު ވަނީ އިދިކޮޅު ކެންޑިޑޭޓު އިބޫއަށް ތާއިދު ކުރަން ނިންމި ސަބަބުވެސް ބަޔާންކުރައްވާފައެވެ. އެގޮތުން ފަޒާދު ވިދާޅުވީ އިސްލާހީ މަސައްކަތުގައި އުޅުއްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިއަދު މިގޮތަށް ނިކުތީ ޕާޓީއަށް ވުރެ ގައުމު ބޮޑު ވީމަކަމަށާއި، ބޭއިންސާފާއި އަނިޔާ ބޮޑުވެ، ގާނޫނީ އިމުން ސަރުކާރު ބޭރުވުމުން ކަމަށެވެ.