Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރައީސް ޔާމިންގެ އަތްޕުޅުގައި އޮތީ ބަޑިގުދަނުގެ ތަޅުދަނޑި އެކަނި: މުހައްމާ

ފޮޓޯ: ރާއްޖެ.އެމްވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އަތްފުޅުގައި މިއަދު އޮތީ ބަޑިގުދަނުގެ ތަޅުދަނޑި އެކަނި ކަމަށާއި، އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާގައި، ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަހަށް އިޝާރާތް ކުރައްވާ މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ މިއަދު ހަތިޔާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އެހެން ކަމުން ރައްޔިތުން ވަރަށް ހިކުމަތްތެރިކަމާއެކު ދުވާލުގެ މެންދުރުގެ އަލިކަމުގެ ތެރެއިން ހަތިޔާރުގެ ބޭނުން ހިފާނެ ކަމަށެވެ. ވަޒަން ޖެހުމުގެ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ރައީސް ޔާމިން ނުކުމެ ވަޑައިގެން ހުންނެވިއިރު ރައްޔިތުންގެ ލޯބި ހޯދުމަށް އެމަނިކުފާނު ދައްކާނެ ވާހަކައެއް ވެސް ނެތް ކަމަށް މުހައްމާ ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމާއި، ވައްކަން އިންތިހާއަށް ގޮސްފައިވާއިރު ރައްޔިތުންނާއި މުހާތަބުކޮށް އެމަނިކުފާނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށް މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގެ ފިތުނަ ވެރިކަމުގެ ތެރޭގައި ރައްޔިތުންނަށް ލިބެމުންދާ ވޭނާއި އަނިޔާގެ ހިތިރަހަ ކޮންމެސް ދުވަހަކުން އެމަނިކުފާނުގެ އަރުގައި ލާނެ ކަމަށެވެ.

އަނިޔާވެރިކަމަށް ނިމުން އަންނަ އުސޫލުން ވައްކަމަށް ވެސް ނިމުން އައިސް މިގައުމު އަމާންވާނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް މުހައްމާ ވިދާޅުވިއެވެ.