Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ބާރުގަދަ ބިންހެލުމެއްގައި ޖަޕާނުގައި އަށް މީހުން މަރުވެއްޖެ

ޖަޕާނުގެ އުތުރު ފަރާތަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމާއެކު މިހާތަނަށް އަށް މީހަކު މަރުވެ، އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓުކޮށްފިއެވެ.

ޖަޕާނުގެ އުތުރުގައިވާ ހޮކައިޑޯއަށް އައި މިބިންހެލުމަކީ 6.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މަރުވި އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ހޮކައިޑޯގެ ކުޑަ އަވަށެއް ކަމަށްވާ އަޓްސުމާއަށް ނިސްބަތްވާ ހަ މީހުންނެވެ.

މިއަވަށަށް ވަނީ ބިންހެލުމުގައި ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ބިންގަނޑު ކަނޑައިގެން ދިއުމާއި ގަސްތައް ވެއްޓި ގެތައް ވަނީ މިއަވަށުގައި ފަނާވެ ބިމާ ހަމަވެފައެވެ.

ޖަޕާނު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ވީނުވީއެއް ނޭނގި 32 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދު 120 އަށް އަރާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ބިންހެލުމުގެ ސަބަބުން ޖަޕާނުގެ މައި އެއާޕޯޓެއް ވަނީ ބަންދުކޮށްފައެވެ. އަދި ކަރަންޓުގެ ޚިދުމަތާއި މުވާސަލާތީ ޚިދުމަތް އެކި ހިސާބުތަކުން ކެނޑިފައިވާއިރު ސަރުކާރުން ބުނެފައިވަނީ ޚިދުމަތް އަލުން ދިނުމަށް ގާތްގަނޑަކަށް ހަފްތާއެއް ނަގާނެ ކަމަށް ޖަޕާނުން އަންދާޒާ ކުރެއެވެ.

މި ބިންހެލުމަކީ ފާއިތުވެދިޔަ 25 އަހަރު ތެރޭގައި ޖަޕާނަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ.