އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ ވޯޓަށް ކައިރިވެފައިވަނިކޮށް ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް އަރައިގަންނަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ނޫސް ކޮންފަރެންސެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ކޮރަޕްޝަނާއި ވައްކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި އޭސީސީއަށް މައްސަލަ ވެއްދުމުގެ ބޭނުމަކީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ދެކޭ ކަމަށެވެ.
އަދި އެކަން އެގޮތަށް ކުރުމަކީ ސިޔާސީ ގޮތުން ދައްކާ ވާހަކައިގައި އަބުރާ ބެހުމަށް ވުރެވެސް ސީރިއަސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އިންތިޚާބީ ހައްގަށް އަރައިގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
ރާއްޖެ ޓީވީން ލައިވް ކުރި ނޫސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވަނީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ ދިވެހި ދިދަ ޖެހި ބޯޓަކުން ތެލުގެ މުއާމަލާތް ކުރި ކުރުމަކީ ރައީސް ޔާމީނާ ގުޅުންހުރި ކަމެއް ކަމަށް ބުނެފައެވެ.
އޭގެ ސަބަބުން ރައީސް ޔާމީން ވަނީ އެމްޑީޕީއާ ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ނިންމަވާފައެވެ.