Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ބަލިވުމުން ޔާމީން ޖެހޭނީ ފައިބަން: އިބޫ

އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ ކެމްޕެއިން ޓީމުގެ ތަކުގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވޯޓުން ބަލިވެއްޖެނަމަ އެމަނިކުފާނު ވެރިކަމުން ފޭބުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ތަކަންދޫ އަށް އިބޫ ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، އަނެއްކާވެސް ވެރިކަމުގެ ހުވާ ކުރާނީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ބައެއް ބޭފުޅުން ބުނަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި، އިންތިޚާބުން ބަލިވުމުން އެމަނިކުފާނު ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކުރައްވަން ކަމަށް އިބޫ ވިދާޅުވިއެވެ. ރައީސް ޔާމީން، ކެމްޕޭނު ކުރެއްވުމަށް ރަށް ރަށަށް ވަޑައިގެން ވޯޓު ނުދިނަސް މައްސަލައެއް ނެތް ކަމަށާއި ވެރިކަމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވަމުން އައި ނަމަވެސް އެއީ ރައްޔިތުން އެމަނިކުފާނަށް ދޭނެ ފުރުސަތެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އެޖަހާ ހިސާބެއް، އަޅުގަނޑަކަށް ނުފެނޭ އެފުރުސަތު ރައްޔިތުން ރައީސް ޔާމީނަށް ދެއްވާނެ ތަނެއް، ރައްޔިތުންގެ ނިންމުމާއެކީގައި ރައްޔިތުން އެކަން ތަންފީޒު ކުރާނެ، އެއަށް ހުރަސް އަޅާނެ މީހެއް، ފަރާތެއް، އިދާރާއެއް ރާއްޖެއަކު ނުހުންނާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ މިޖަލްސާގައި ކެމްޕޭނު ކުރާ ފަރާތްތަކަށް ވެސް ނަސޭހަތްތެރި ވެފައެވެ. އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެއްވެސް ބޭފުޅަކު ރައީސް ޔާމީން ބަލިވާނެ ކަން ކަށަވަރު ކަމަށް ދެކި މަސައްކަތަށް ފަރުވާކުޑަ ނުކުރުމަށް އިބޫ އެދިފައިވެއެވެ.

އަދި ވޯޓު އޮޅުވާލަފާނެތީ އެކަމަށް ފާރަވެރިވެ ތިބުމަށް ހުރިހާ ސަޕޯޓަރުންނަށް ވެސް އިބޫ ގޮވާލާފައިވެއެވެ.