Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

ދިރާގު ރޯޑް ރޭސް ނޮވެމްބަރު ކުރީކޮޅު

ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ދިރާގު ރޯޑްރޭސް" މިއަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ބާއްވަން ދިރާގުން ނިންމައިފިއެވެ.

ހަތަރު ހާސް ޖާގައާއެކު މިފަހަރުގެ ރޭސް ހުޅުމާލޭގައި ބާއްވަން ހަމަޖައްސާފައިވާއިރު ރޭހާ ގުޅޭގޮތުން ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް މެނޭޖަރ ފޮރ އެޑްވަޓައިސިންގް އެންޓް އިވެންޓްސް ހަސަަން ސާރިޙް ވަނީ މިފަހަރުގެ ރޭހުގައި ގިނަ ބަދަލުތަކެއް ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ފާއިތުވެދިޔަ އަހަރުތަކުގައި ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ވީހާވެސް ގިނަ ބަޔަކު ރޭހުގައި ބައިވެރިކުރުމަށް މިފަހަރު 4000 މީހުންނަށް ފުރުސަތު ހުޅުވާލީ ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.

"ދިރާގު ރޯޑްރޭސް އަޅުގަނޑުމެން މީގެ 12 އަހަރު ކުރިން ފެށީ އެންމެ 300 ބައިވެރިންނާއި އެކު. ނަމަވެސް މިދޔަ އަހަރު އަޅުގަނޑުމެން އެ ރޭސް ކުރިއަށް ގެންދިޔައީ 3000 ބައިވެރިންނާއި އެކު. އަދި އެ 3000 ޖާގަ ފުލްވެފައިވަނީ އެންމެ 72 ގަޑި އިރު ތެރޭގައި. އެހެންކަމުން މިއަހަރު އަޅުގަނޑުމެން ނިންމާފައިވާނީ އިތުރު 1000 މީހުންނަށް ޖާގަ ދިނުމަށް." އޭނާ ވިދާޅުވެފައިވެއެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ހުޅުވާލެވިފައެވެ. އުމުރުން 7 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.