ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ހިފައިގެން ވަދެވެން ޖެހޭނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އީސީ އިން އިންތިޚާބަށް ރާއްޖެއިން ބޭު ގަލަންތަކެއް ގެނައި ކަމަށާއި، އެ ގަލަންތަކުން ފާހަގަ ޖަހާތާ އިރުކޮޅެއް ފަހުން، ފާހަގަ ފޮހެވިގެންދާ ވާހަކަ އިވިވަޑައިގެންފައިވާތީ އެކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށް ދޭން ޖެހޭނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ ވޯޓު ލުމަކީ ހުރިހާ ރައްޔިތުންގެ ވެސް ޙައްޤެއް ކަމަށާއި، އެހެންކަމުން ވޯޓުލާ މަރުކަޒަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އާންމުންގެ ތެރޭގައި މިފަދަ ޝައްކުތަކެއް އުފެދިފައިވާތީ، ރައްޔިތުން ބޭނުންވާ ގަލަން ވައްދައިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެކަން އިލެކްޝަންސް އިން ސާފުކޮށް ދެއްވަން ޖެހޭ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މިކަމާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.