Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން ޖަޕާންގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ޖަޕާނުގެ އުތުރުގެ ސަރަޙައްދުގެ ރަށެއްކަމަށްވާ ހޮއްކައިޑޫއަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ޖަޕާނަކީ ރާއްޖެއާއި ސިޔާސީ ގޮތުން ވެސް ގާތްގުޅުމެއް އޮންނަ ޤައުމެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެޤައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން މިފަދަ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.

މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސް ޔާމީންގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.