Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޣައިރު ހާޒިރުގައި ހުކުމް ކުރާ މީހުނަށް އަދަބު ލުއިކޮށްދޭން ނިންމައިފި

އެމީހެއްގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވި، އިތުރުކުށެއްނުކޮށް، 5 އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސް ޔާމީން މިގޮތަށް ނިންމެވީ، މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން، 2018 ވަނަ މިނިވަންދުވަހާ ގުޅިގެން ރައީސްގެ ޚާއްޞަ ފުރުޞަތުގެ ދަށުން، ޝާރުޠުފުރިހަމަވާ ދިވެހި ރައްޔިތުންނަށް ލިބިދެވުނު ފުރުޞަތާ ގުޅިގެން، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ ގިނަ ޢަދަދެއްގެ ބައެއްގެ ފަރާތުން ރައީސް އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، އެ މައްސަލަ މިއޮފީހުން ބެލިއިރު، މިފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމަޢުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުޞަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އެގޮތަށް ހުކުމްކުރެވި 18 ނުވަތަ 15 އަހަރު ފަދަ ގިނަދުވަސްތަކެއްވެފައިވާ މީހުން ތިބެފައި، މިފަދަ ގިނަ މީހުންތަކެއް މިހާރު، ޢައިލާއެއް ފަށައި، ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް، މުޖްތަމަޢުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމަޢުގެ އެހެން މީހުން ފަދައިން، ދިރިއުޅެމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ ޙާލަތުގައި އެފަދަ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އެމީހުންގެ ކުދިންނާއި ޢާއިލާއަށް އަދި މުޖްތަމަޢަށްވެސް ފައިދާ ބޮޑުވާނި އެމީހުންނަށް ފުރުޞަތެއް ލިބިދިނުންކަމާއި، އަދި މިފަދަ ފުރުޞަތެއް ލިބިނުދެވިއްޖެނަމަ، އެފަދަ މީހުންނަށް ކުށުގެ ޤާނޫނީ ވެށިން ނިކުމެވޭނޭ އެހެން ގޮތެއް ނޯންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ޔާމީން މިގޮތަށް ނިންމެވީ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށްފަހު ކަމަށާއި، މި ފުރުޞަޠުގެ ދަށުން މަޢާފުދޭން ހަމަޖެހިފައިވަނީ މިހާރު ކުށުންދުރުގައި 5 އަހަރުހޭދަކޮށް، ޢާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ޤައުމަށް ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި މިގޮތަށް ހަމަޖެއްސެވި ނަމަވެސް މިފުރުޞަތުގެ ދަށުންވެސް، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް އެމީހެއްގެ މައްޗަށްކޮށްފައިވާ މީހަކަށް ފުރުޞަތެއް ނުލިބޭނެ ކަމަށެވެ.