Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ފަޒާދު ޕީޕީއެމް އިން ވަކިކޮށް، ގޮނޑި ގެެއްލުވާލައިފި

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު -- ފޮޓޯ: ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އިދިކޮޅު ފަރާތްތަކާ ގުޅުނު މައްސަލާގައި އޭނާ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އެގޮތަށް ނިންމުމާއެކު، ދާދި ފަހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ގޮތުން އޭނާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނީއެވެ.

2014 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ފަޒާދަށް ޕީޕީއެމް އިން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ފަޒާދު އެ ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ އޭނާގެ އަމަލުތައް ހުރި ގޮތުން، ޕާޓީއަށް ގެއްލުން ވަމުންދާތީ އާއި އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވާތީ އެވެ.

އެގޮތުން ފަޒާދާއި ގުޅޭގޮތުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅުނު މައްސަލަތައް ބެލުމުން އެ ކޮމެޓީއަށް ފާހަގަކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި ފަހަކަށް އައިސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ފަޒާދު ބައިވެރިވެވަޑައިނުގަންނަވާ ކަމާއި، ޕާޓީން އެދޭ ކަންކަމުގައި ޕާޓީއަށް އެއްބާރުލުން ނުދެއްވާކަމާއި، ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާކަމުގެ އިތުރުން ޕާލިމަންޓަރީ ގްރޫޕުން ނިންމާ ކަންކަމުގައި އެ ނިންމާ ގޮތަށް ޢަމަލު ނުކުރައްވާކަމާއި ޕާޓީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިއްތަވާކަމާއި، ޕާޓީގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ޚިލާފަށް ކަންކަން ކުރައްވާކަން އަދި ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމަށް ކެންޑިޑޭޓެއް ދައްކާފައިވަނިކޮށް، ޕާޓީއާއި ޕާޓީގެ ކެންޑީޑޭޓަށް އުނިކަން އަންނަ ގޮތަށް މަސައްކަތް ކުރުމާއި، ޕާޓީއާއި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކާއި އެކު މަސައްކަތް ކުރައްވަމުންދާކަން ހިމެނެއެވެ.

ފަޒާދު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ޕީޕީއެމްގެ ޕީޖީގެ ވައިބާ ގްރޫޕުން ފަޒާދު ނެރެފައިވާ ކަމަށެވެ.

ފަޒާދު ވައިބާ ގްރޫޕުން ރިމޫވްކުރީ ފޯނު ނުނެގުމާއި ބައެއް ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުމުން ކަމަށާއި، ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާ ޚިލާފަށް އަމަލު ކުރަމުން ގެންދަވާތީ އާއި ނަސޭހަތް ދިނުމަށް ފަހުގައި ވެސް އެކަން ޤަބޫލުކޮށްފައި ނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ފަޒާދު ޕީޕީއެމް އިން ވަކިކޮށް އޭނާގެ ގޮނޑި ގެއްލުވާލާފައިވާއިރު، އޭނާ މިހާރު ހުންނެވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގަ އެވެ.

ފަޒާދު ރަސްމީކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ކެމްޕެއިންއަށް ނިކުންނެވި އިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ފަޒާދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފަަޒާދު އިދިކޮޅު ކެމްޕެއިންގައި ހަރަކާތްތެރިވާން ފެށުމުން ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންގެ ތާއިދު އިބޫއަށް ލިބުނީއެވެ.