Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޗެކިން ޚިދުމަތް މާލޭގައި ދޭން މޯލްޑިވިއަނުން ތައްޔާރުވެއްޖެ

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލް ތަކަށް ވެރިރަށް މާލޭގައި ތިބެ ޗެކިންވުމުގެ ޚިދުމަތް ފަށަން އެ އެއާލައިނުން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން ބުނީ "ސިޓީ ޗެކިން" ގެ ޚިދުމަތް ދެނީ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ "ގްރޭޓާ މާލެ ބަސް ޓާމިނަލް" ގައި ކަމަށެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ޑޮމެސްޓިކާއި އިންޓަނޭޝަނަލް ފްލައިޓްތަކަށް ޚިދުމަތް ދޭން ހާއްސަ ކައުންޓަރެއް ވެސް ޤާއިމުކޮށްފަ އެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ނަމަ އަމިން އެވެނިއު، ސީ ބްލޮކް ސެންޓްރަލް ޕާކް ކައިރީގައި ގާއިމްކޮށްފައިވާ ބަސް ސްޓޭޝަން މެދުވެރިކޮށް ޗެކިންގ ކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

ސިޓީ ޗެކިން އަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެ ކަމަށާއި، ފްލައިޓް ފުރަން ހަމަޖެހިފައިވާ ވަގުތުގެ ހަތަރު ގަޑިއިރު ކުރިން ޗެކިން ކައުންޓަރ ހުޅުވާފައި ހުންނާނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ. އަދި ފްލައިޓުގެ 90 މިނެޓު ކުރިން ކައުންޓަރު ބަންދު ކުރާނެ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

މިގޮތަށް ޗެކިންގވާ ޑޮމެސްޓިކް ފްލައިޓްތަކުގައި ފަސެންޖަރުން ފްލައިޓް ފުރުމުގެ 45 މިނިޓް ކުރިން އެއާޕޯޓަށްދާން ޖެހޭނެއެވެ. އަދި އިންޓަނޭޝަލް ފްލައިޓްތަކުގައި ފަސެންޖަރިން ފްލައިޓް ފުރުމުގެ 60 މިނިޓް ކުރިން އެއާޕޯޓަށް ދާން ޖެހޭނެއެވެ.

މޯލްޑިވިއަން އިން މަޢުލޫމާތު ދޭ ގޮތުގައި އިންޓަނޭޝަނަލް އާއި ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާ މީހުންގެ ލަގެޖު ގެންގޮސްދޭން ޚާއްސަ ދެ ވެހިކަލްއެއް މޯލްޑިވިއަން އިން ބޭނުން ކުރާނެ އެވެ.

އަދި ހާއްސަ އެހީތެރިކަމެއް ބޭނުންވާ މީހުން، ސީދާ އެއާޕޯޓުން ޗެކިންގވުމަށާއި، ފްލައިޓްތަކަށް ޗެކިންގވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޗެކިންގ ވުމަށް މޯލްޑިވިއަން އިން އެދެއެވެ.