ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ރައީސް އަބްދުﷲ ޔަމީން އަބްދުލް ޤައްޔޫމްގެ މެނިފެސްޓޯ މާދަމާ އިއުލާން ކުރުމަށް ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ މެމްބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އެވެ.
އެގޮތުން ޖަމީލް ވިދާޅުވީ "ބްރިޖު ސަޅި"ގެ ނަމުގައި މާދަމާ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި އެ ޖަލްސާގައި ރައީސް ޔާމީންގެ މެނިފެސްޓޯ ވެސް އިއުލާން ކުރައްވާނެ ކަމަށެވެ.
އަދި އެ ޖަލްސާއަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށާއި، އެ ޖަލްސާއަށް އަތޮޅުތަކުން މީހުން ނުގެންނާނެ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމް އިން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ ރަނިން މޭޓް އަދި ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު އިއްތިހާދުގެ ބޮޑު ޖަލްސާއެއް ވެސް ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. އެ ޖަލްސާ ބޭއްވުމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ ގިނަ އަހަރުތަކަކަށްފަހު މާލޭ ކާނިވާ ސަރަޙައްދު އެމްޑީޕީ އަށް ދޫކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ ޖަލްސާ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއަށެވެ.