ބިރުދައްކައިގެން ފަހަތަށް ނުޖެއްސޭނެ ކަމަށް ބުނެ ތިނަދޫ ފެނަކައިގެ 18 މުވައްޒަފަކު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.
ތިނަދޫ ފެނަކައިގެ މުވައްޒަފުން ވަނީ "ބިރު ދައްކައިގެން ފަހަތަށް ނުޖެެއްސޭނެ" ޖަހާފައިވާ ބެނާ އަކާއި އެކު ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އަނިޔާވެރިކަމާއި ދެކޮޅަށް ތިނަދޫ ފެނަކައިގެ މުވައްޒަފުން ތެދުވެފައިވަނީ އެ އޮފީހުގެ ތިން މުވައްޒަފަކު އިއްތިހާދަށް ތާއިދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފެނަކަ އޮފީސްތަކަށް ބަދަލުކޮށްފައި ވަނިކޮށެވެ.
"އައްޑޫލައިވް" އާއި ވާހަކަދެއްކި ފެނަކައިގެ މުވައްޒަފަކު ބުނީ އެމީހުން އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތީ ކަންކަން ބޮއްސުން ލައިގެން ދިއުމާއި ގުޅިގެން ކަމަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި އިބޫ/ ފައިސަލް ކެމްޕެއިންގައި ހަރަކާތްތެރިވާނެ ކަމަށާއި މާދަމާ ތިނަދޫގައި ބާއްވާ ވެހިކަލް ބުރުގައި ވެސް ބައިވެރިވާނެކަމަށެވެ.
"މައްސަލައެއް ނެތް މާދަމާގެ ބުރުގައި ބައިވެރިވެގެން ވަޒީފާއިން ކަނޑާލިއަސް، މިކަމެއް ދެނެއް ނުހުއްޓުވޭނެ، މަޑުން ނުތިބޭނަން"
ތިނަދޫ ފެނަކަ މުވައްޒަފުންތަކެއް އިދިކޮޅާއި ގުޅުނު އިރު ރައްޔިތުންގެ މަޖިލީހުގެ ތިނަދޫގެ ދެ މެމްބަރުންގެ ގޮޑި ގެއްލުވާލުމާއި ގުޅިގެން އެ މެމްބަރުންނަށް މަޖްލިސްގައި ރައްޔިތުން ތަމްސީލް ނުކުރެވޭތާ އަހަރަަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފިއެވެ.