ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފުލުހުންގެ އޮނިގަނޑު ހަރުދަނާކޮށް އިންސާފުވެރިކަމާއި އެކު ފުލުހުންނަން ޕްރޮމޯޝަން ލިބިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
މިފަދައިން ފައިސަލް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ ފުލުހުންގެ އިތުބާރު ގެއްލިގެންދާނީ އެ މުއައްސަސާގައި މަސައްކަތްކުރާ މަދު ބައެއްގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުލުހުންނަން ތަމްރީން ހޯދައިދީ އެ މުއައްސަސާއަށް އެކަށީގެންވާ ބަޖެޓް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގެ އޮނިގަނޑު އިންސާފުވެރިކަމާއި އެކުލަވާލާ ޕްރޮމޯޝަން ވެސް ލިބިގެންދާނީ އިންސާފުވެރިކަމާއި އެކީގައި ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ފުލުހުންނާއި ސިފައިން ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ
މި ބައްދަލުވުމުގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންމަވެސް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް މާލޭއިން ލިބިފައި ނުވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.