ސިއްޙީ ދާއިރާއިން ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް 3 ދަރިވަރަަކަށް ލޯނު ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ނިންމައިފިއެވެ.
ޑީއެޗްއީ އިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނޭޕާލްގެ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް އިން ޕޯސްޓްގްރެޖުއޭޓް ޑިގްރީ ޙާސިލްކުރުމަށް 3 ލޯނުގެ ފުރުސަތު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ލޯން ދޫކުރަން ހަމަޖެހިފައިވާ ދާއިރާތަކަކީ އިންޓާނަލް މެޑިސިން އާއި ޕީޑިއޭޓްރިކްސް އެވެ.
މީގެ ތެރެއިން އިންޓާނަލް މެޑިސިން އަށް 2 ލޯނުގެ ފުރުސަތު ދޫކުރާއިރު، ޕީޑިއޭޓްރިކްސް އަށް ދޫކުރަނީ އެއް ލޯނުގެ ފުރުސަތެވެ.
މި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވުމާއެކު ސިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ނޭޕާލް ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސއިންސަސް (ނަމްސް) އިން މިނިސްޓްރީ އޮފް ހެލްތަށް ލިބިފައިވާ ފުރުޞަތުގެ ދަށުން
ނަމްސް އިން ޕްލޭސްމަންޓް ލިބިފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ސަރުކާރުގެ ހޮސްޕިޓަލެއް ނުވަތަ ސިއްޙީ ޚިދުމަތް ދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވެސް ވާން ޖެހެއެވެ.
މި ލޯނުގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް (ނަމްސް) އިން ޕްލޭސްމަންޓް ލިބިފައިވާ ކަމުގެ ލިޔުމާއެކު 9 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް ޑީއެޗްއީ އަށް ހުށަހަޅަން ޖެހޭނެ އެވެ.
ލޯނަށް އެދި ހުށަހަޅާނީ mv.egov.myedu://https ޕޯޓަލް މެދުވެރިކޮށެވެ.