ތައިލޭންޑްގެ ސިރިންހޯން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެސްއައިއައިޓީ) އިން ދޭ އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލައިފި އެވެ.
ޑީއެޗްއީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެސްއައިއައިޓީ އިން ރާއްޖެއަށް ދެނީ އެއް ބެޗްލަރސް ޑިގްރީގެ ފުލް ސްކޮލަރޝިޕަކާއި 02 ބެޗްލަރސް ޑިގްރީގެ ޕާރޝަލް ސްކޮލަރޝިޕް ކަމަށެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭ ކޯސްތަކުގެ ތެރޭގައި ބެޗްލަރ އޮފް އިންޖިނިއަރިންގ އާއި ބެޗްލަރ އޮފް ސައިންސް ހިމެނެއެވެ.
ބެޗްލަރ އޮފް އިންޖިނިއަރިންގ ގެ ދާއިރާތައް:
– ކެމިކަލް އިންޖިނިއަރިންގ
– ސިވިލް އިންޖިނިއަރިންގ
– ކޮމްޕިއުޓަރ އިންޖިނިއަރިންގ
– އިލެކްޓްރިކަލް އިންޖިނިއަރިންގ
– އިންޑަސްޓްރިއަލް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސިސްޓަމްސް
– މެކޭނިކަލް އިންޖިނިއަރިންގ
ބެޗްލަރ އޮފް ސައިންސްގެ ދާއިރާތައް:
– އިންފޮމޭޝަން ޓެކްނޮލޮޖީ
– އިންޖިނިއަރިންގ މެނޭޖްމަންޓް
– ޓެކްނޮލޮޖީ މެނޭޖްމަންޓް
މި ސްކޮލަރޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް:
1. ދިވެހި ރައްޔިތެއް ކަމުގައިވުން.
2. ތައިލޭންޑްގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑައަޅާފައިވާ އޮނިގަނޑާއި އެއް ފެންވަރެއްގެ ހައި ސްކޫލް ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.
3. އަޚްލާޤު ރަނގަޅު އަދި އެއްވެސް ސުލޫކީ މައްސަލައެއް ޖެހިފައިވާ ދަރިވަރެއް ކަމުގައި ނުވުން.
4. މިހާރު ކުރިއަށްދާ އެސްއައިއައިޓީގެ އިތުރު ސްކޮލަރޝިޕެއް ލިބިފައި ނުވުން.
5. ޖީސީ.އީ އޯ ލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް
ހާސިލުކުރައްވާފައިވުން. ޖީސީ.އީ އޯ ލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލު ކުރައްވާފައިވުން.
އިނގިރޭސި ފާހެއްކަމުގައި ބަލާނީ:
ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް
ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި
ނ. TOEFL 550 އިން ފެށިގެން މަތި
ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.
ޑީއެޗްއީ އިން ބުނީ ފުލް ސްކޮލަރޝިޕްގެ ދަށުން 100% ޓިއުޝަން ފީ އާއި އެޑިޔުކޭޝަނަލް ސަޕޯޓް ފީތައް އަދި ޕާރޝަލް ސްކޮލަރޝިޕްގެ ދަށުން 50% ޓިއުޝަން ފީއާއި އެޑިޔުކޭޝަނަލް ސަޕޯޓް ފީތައް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަމަށެވެ.
އަދި މި ސްކޮލަރޝިޕް ލިބޭ ކެންޑިޑޭޓަކު ބޭނުންނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕްލިމެންޓަރީ ލޯން އެލަވަންސް
ޑީއެޗްއީ މެދުވެރިވެގެން ހަމަޖައްސައިދެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 13.30 އެވެ. އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.