Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ލޯނު ނެގިން، ލޯނު ދެއްކުމަށް ފުރުސަތު ދެއްވާ: ރައީސް

ރައީސް ޔާމީން ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ - މިހާރު

މިސަރުކާރުން އެކި އެކި ތަރައްގީގެ މަޝްރޫއު ހިންގުމަށާއި، ކުރީގެ ދައުލަތުގެ ދަރަނި ދެއްކުމަށް ލޯނު ނެގި ކަމަށާއި އެ ލޯނުތައް ދެއްކުމަށް އަދި އެއް ފުރުސަތު ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރޭ އެދިވަޑައިގެންފިއެވެ.

ޕީޕީއެމުން ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކަންތައް ކުރައްވާނީ ވަރަށް ޗާލޫކޮށް ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެއާޕޯޓް ޖީއެމްއާރަށް ދިނުމުގައި ރައީސް ނަޝީދު ވަނީ ދައުލަތަށް ޚިޔާނާތްތެރިވެފައި ކަމަށާއި އޭގެ ސަބަބުން ދައުލަތު ވަނީ އެތައް ބިލިއަން ރުފިޔާއިން ދަރާފައި ކަމަށް މި ޖަލްސާގައި ރައިސް ޔާމީން ވިދާޅުވިއެވެ.

އަދި އެ ދަރަނިވެސް އެޅުނީ އެމަނިކުފާނުގެ ބޮލުގައި ކަމަށާއި އެ ދަރަނި ދެއްކުމަށް ވެސް ސަރުކާރުން ލޯނު ނަގަން ޖެހުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އިދިކޮޅުން ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށް ރައީސް ޔާމީން ވަނީ ރޭގެ ޖަލްސާގައި އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ.

ބްރިޖު އަޅަން ނެގި ލޯނުން ދައުލަތް ދަރާފައިވާ ކަމަށް ދެކެވޭ ވާހަކަތަށް ރައީސް ޔާމީން ދޮގު ކުރައްވާފައިވާއިރު އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި ވަނީ 500 މިލިއަން ރުފިޔާ ކަމަށާއި މިއީ ދަރަނިވެއްޖެ ނަމަ ނުދެއްކޭ ވަރުގެ ފައިސާއެއް ނޫން ކަމަށްވެސް ރައީސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ރައީސް ޔާމީން ރޭގެ ޖަލްސާގައި ފާޑުވިދާޅުވެފައިވާއިރު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓު ވިއްކާލައިގެން ސަރުކާރަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށާއި ބޮޑު ދަރަންޏެއް ބޮލުގައި އެޅުން ނޫން ކަމެއް އެއަކުން ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ގާސިމް އިބްރާހިމް ވެސް އެއާޕޯޓު އަތުލާކަށް ތާއީދު ނުކުރި ކަމަށާއި އެހާބޮޑު އަދަދެއް ދައްކަން ޖެހޭނެތީ ގާސިމްވެސް އެއާޕޯޓު ޖީއެމްއާރު އަތުން އަތުލަން ނުގަބޫލުވި ކަމަށް ރޭ ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ޖީއެމްއާރު އަތުން ދިވެހިންގެ އެއާޕޯޓު އަނބުރާ ނަގާފައިވާ ކަމަށާއި އޭގެ ސަބަބުން ސަރުކާރުން ދައްކަން ޖެހުނު 320 މިލިއަން ރުފިޔާވެސް ދައްކާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ނަގާފައިވާ ދަރަނިތައް ދެއްކުމަށް ވަގުތުކޮޅެއް ދެއްވުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.