ރިޔާސީ އިންތިހާބާއި ގުޅިގެން ސަރުކާރުގެ އިސްވެރިންނަށް ފިޔަވަޅު އަޅާނެކަމަށް ބުނެ ބިރު ދެއްކުމަކީ އިސްތިއުމާރީ އަމަލެއް ކަމަށާއި، އެއީ ދިވެހިންނަށް ހައްގު ގޮތެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއިން އަލިމަސްކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި، ރައީސް ޔާމީން ވިދާޅުވީ އިންތިހާބާއި ދިމާކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދެއްކުމަށްވުރެ ބޮޑަށް އިންތިހާބަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލާން ކައިރިވެފައިވަނިކޮށް ބުރާސްފަތި ދުވަހު އެމެރިކާ ސަރުކާރުން ވަނީ ރާއްޖެއަށް އިންޒާރު ދީފައެވެ. އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެރަވޭ، ޖެހިލުންވޭ. އެކަމަކު އަޅުގަނޑުމެންގެ ހުރިހާ ކަމެއް އެކަމުގެ މައްޗަށް ނިންމައިގެން ތިބެންޏާ އަބަދު ތިބެން ޖެހޭނީ އަޅުވެތިކަމުގައި. އިސްތިއުމާރުގެ އަޅުވެތި ކަމުގައި. މިއީކީ ދިވެހިރައްޔިތުންނަށް ހައްގު ގޮތެއް ނޫން" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި ބަސް ބުނުމުގެ ޝަރަފް އޮތް ގައުމެއް ކަމަށާއި، ކޮންމެ އިންތިހާބަކާއި ދިމާކޮށް ކޮންމެ ފަހަރަކު މިފަދަ ބިރު ދައްކާކަމަށެވެ.