Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ބްރިޖު މަތީގައި ދުއްވާއިރު ހެލްމެޓު އަޅަން އިލްތިމާސްކޮށްފި

މާލޭގައި އިއްޔެ އާންމުންނަށް ހުޅުވާލި ސިނަމާލެ ބްރިޖުގައި ދެފުރޮޅުލީ އުޅަނދުތައް ދުއްވާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ހެލްމެޓު އަޅައިގެން ދުއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.

އިއްޔެ ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބްރިޖުގައި ދަތުރުކުރައްވާ (ދެއުޅަނދުލީ) ފަރާތްތަކުން ބޮލާއި މޫނު ރައްކާތެރިކޮށްދޭން ފަދަ ހެލްމެޓެއް އަޅައިގެން ދުއްވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

އަދި ސިނަމާލެ ބްރިޖުގައި ދުއްވާއިރު ދެ ފުރޮޅުލީ އުޅަނދު ދުއްވަން ހަމަޖެހިފައިވާ ބާރުމިނަކީ 25 އާއި 50 ކިލޯމީޓަރުގެ ބާރު މިނެވެ. އެކްސިޑެންޓުތަކަށް ޖާގަ ނުދިނުމަށް ހުރިހާ ފަރާތްތަކުން ވެސް މިގަވާއިދުތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ.

ސިނަމާލެ ބްރިޖަކީ ސައިކަލާއި ކާރު އަދި ވޭނުތަކާއި ބަސްތަކުގެ އިތުރުން ބައިސްކަލުގައި ދަތުރުކުރާ ފަރާތްތަކާއި، ހިނގާފައި އަދި ދުވާ ފަރާތްތަކަށް ވެސް ދަތުރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ބްރިޖެކެވެ. މި ބްރިޖުގެ އެންމެ ބޭރުގައިވާ ދެ ލޭނަކީ ސައިކަލާއި ބަސްތައް ދުއްވަން ހާއްސަ ކޮށްފައިވާ ދެލޭނެވެ. މެދުގައިވާ ދެލޭނުން ދަތުރުކުރެވޭނީ ބަސް ފިޔަވައި އެހެން ހަތަރު ފުރޮޅުލީ އުޅަނދުތަކެވެ.