Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައިފި: ޑރ. ޝަހީމް

ޑރ. ޝަހީމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައިފި ކަން ރޭގެ ޖަލްސާގެ އަދަދުންނާއި އެކި ރަށްތަކުގައި ތިބި ސަޕޯޓަރުންގެ އަދަދުން ޔަޤީންވެއްޖެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ "ބްރިޖު ސަޅި"ގެ ނަމުގައި މާލޭ ކާނިވާ ސަރަޙައްދުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ވެރިކަމުގެ ދެ ވަނަ ދައުރެއް ރައީސް ޔާމީން ފުރިހަމަކުރައްވާއިރު، އެ މަސައްޕުޅުތަކުގައި އެއްބާރުލުން ދެއްވައި، ވަފާތެރިކަމާ އެކު ދެމިހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިރޭ ވެސް ތަކުރާރުކޮށްލަން ބޭނުން ވަނީ، ރައީސް ޔާމީންގެ ރަނިންމޭޓު ކަން ގަބޫލުކޮށްގެން މި ހައްސާސް ވަގުތުގައި އެމަނިކުފާނުގެ އަރިހަށް މިއައީ ސަމާސާކުރާކަށެއް ނޫނޭ. އަޅުގަނޑުގެ މިއައީ، ދިވެހިރާއްޖޭގެ ދީނާއި ގައުމަށްޓަކާ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސަކަށް ހުންނަވަން ރައީސް ޔާމީނަށް ވުރެ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ޤާބިލް، ހިތްވަރުގަދަ އެހެން ބޭފުޅަކު ނެތްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ޤައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކީ "ދެތިން ބޭފުޅަކު ނުކުމެ ކަންފަތުގައި ހިފޭނެ" ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ރާއްޖެއަށް ކުރިމަތިވެފައިވި އިޤތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ގޮންޖެހުންތަކުން އެމަނިކުފާނު ވަނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަރައިގަނެ، ރާއްޖެ އަކީ އަމާން ހިތްފަސޭހަތަނަކަށް ހައްދަވައި ދެއްވާފައި ކަމަށެވެ.

އަދި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް ވެސް އުފާވެރިކަން ގެނެސްދެއްވީ ރައީސް ޔާމީން ކަމަށް ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ރައީސްކަމުގެ މަޤާމަށް ވަޑައިގަތްއިރު ރާއްޖޭގެ ކަންތައްތައް ހުރީ "އިރުން ހުޅަނގަށް" ކަމަށާއި، އެމަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިނުގެންފިނަމަ، ޤައުމުގެ މިސްރާބު އަނެއްކާވެސް އިރުން ހުޅަނގަށް ބަދަލުވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު މި ދަންނަވަނީ ފަސްޖެހުމެއް ނެތި ރައީސް ޔާމީނަށް ވޯޓު ދެއްވާށޭ. އެއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ދެވޭނެ ވޯޓެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ ވާހަކަފުޅުގައި ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ އެ ނޫނިއްޔާ އަދާވާތްތެރިން ކޯލިޝަން ހަދައިގެން އުޅުނު ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި، ފިކުރުގެ ގޮތުން ތަފާތު އެ ކޯލިޝަނަކީ އެންމެ އަވަހަށް ރޫޅޭނެ ކޯލިޝަން ކަމަށެވެ.

މީގެ އިތުރުން، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ޤައުމަށް ގެއްލުން ދޭން އުޅުނު މީހުންނާއި ރާއްޖޭގައި ނަސާރާ ދީން ފަތުރަން އުޅުނު މީހުން ވެސް ތިބީ އިދިކޮޅު އިއްތިހާދުގައި ކަމަށާއި، އެހެންކަމުން އެ މީހުންގެ ބަހަށް ހެއްލި، އިންތިޚާބުގައި ވޯޓު ނުދިނުމަށް ވެސް ޝަހީމް ގޮވާލެއްވި އެވެ.