އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ.
އަލްހާން ޕީޕީއެމް އާއި ގުޅިވަޑައިގެން އެ ޕާޓީގެ މެމްބަރުކަމަށް ސޮއިކުރެއްވީ "ބްރިޖު ސަޅި"ގެ ނަމުގައި މާލޭ ކާނިވާ ސަރަޙައްދުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައެވެ.
ރޭ އަލްހާން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި އިރު، އޭނާ ޕީޕީއެމް އާއި ރައީސް ޔާމީނަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ.
ކުރިން ޑީއާރްޕީގައި ވެސް މަސައްކަތް ކުރެއްވި އަލްހާން އަކީ އެމްޑީޕީގައި އުޅުއްވި ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ.
އޭނާ ދެވަނަ ފަހަރަށް އެމްޑީޕީއާ ގުޅުމުން ޕާޓީން ވަކިކޮށް އެ ޕާޓީގެ ފަރާތުން އެއްވެސް އިންތިޚާބެއްގައި ބައިވެރިނުވެވޭ ގޮތަށް ހުންނެވީ ތިން އަހަރަށް ސަސްޕެންޑްވެސް ކޮށްފައެވެ.
އަލްހާންގެ އިތުރުން އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ރޭގެ ޖަލްސާގައި ޕީޕީއެމްއާއި ގުޅިވަޑައިގެންފަ އެވެ.