މި މަހުގެ 23 ވާ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމްގެ ނަން އަނބުރާ ގެންދެވުމަށް ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފި އެވެ.
އަދުރޭ މިހެން ގޮވާލެއްވީ ރޭ "ބްރިޖު ސަޅި"ގެ ނަމުގައި ޕީޕީއެމް އިން އަލިމަސްކާނިވަލްގައި ކުރިއަށްގެންދިޔަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިންގައި އަބަދުވެސް ދައްކަވަމުން ގެންދަވަނީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމް ކުރާނެ ވާހަކަ ކަމަށާއި އެބޭފުޅުން ޤައުމަށް ކޮށްދެއްވާނެ ކަންކަމާއި ސިޔާސަތުތަކެއް އަދިވެސް ހާމަ ކުރައްވާފައި ނުވާ ކަމަށެވެ.
އަދި މިހާތަނަށް އެންމެ ގިނަ ވައްކަންތައް ހިނގާފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި އެފަދަ ބަޔަކަށް އަދުލު އިންސާފު ޤާއިމް ކުރެވޭނެ ކަމަށް ދިވެހިން ޤަބޫލެއް ނުކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއް ދިވެހި ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެފަދަ ދުވަސްތަކަކަށް ދިވެހިން އަލުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އިބޫ އާއި ފައިސަލްއަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިހާބުން ނަން އަނބުރާ ގެންދެވުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީން އިބޫއާއި ފައިސަލްއަށް ކުރެއްވި ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށެވެ. އޭގެން ވެސް އެނގެނީ އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންއާ ވާދަ ކުރުމުގެ ޤާބިލްކަމެއް އަދި ހިތްވަރެއް ވެސް ނެތް ބޭފުޅުން ކަމަށެވެ.
އަދި ކުރިއަށް އޮތް އިންތިޚާބުގައި ފިސާރި ކެރިގެން ގޮސް ރައީސް ޔާމީންއަށް ވޯޓު ދެއްވުމަށް ވެސް އަދުރޭ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.