Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

"ވަކި މީހަކަށް ވަކި ގޮތެއް. މިއީ ކޮންކަހަލަ އިންސާފެއްތޯ؟"

ވަކި މީހަކާމެދު ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަކީ ކޮންކަހަލަ އިންސާފެއްތޯ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ސުވާލުކުރައްވައިފި އެވެ.

ޝެއިޚް އިލްޔާސް މިފަދައިން ސުވާލުކުރެއްވީ މެލޭޝިޔާގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ ވަކި މީހަކު ދައްކާ ނުވަތަ ކުރާކަންތައް ދީނަށް ފުރައްސާރަކުރުން ކަމަށް ވެފައި، އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަ ކަންތައް ދީނަށް ފުރައްސާރަކުރުން ކަމަށް ނުވުމަކީ ކޮންކަހަލަ އިންސާފެއްތޯ އެވެ.

"އަދި މިގޮތަށް ވާހަކަދެއްކުން މީސްތަކުންނަށް އޮޅުވާލުމަކަށް ނުވާނެބާ؟" ޝެއިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެ ޓްވީޓް އާއެކު ޝެއިޚް އިލްޔާސް ވަނީ ޤުރުއާނުގެ އާޔަތެއްގެ ފޮޓޯވެސް އެޓޭޗްކުރައްވާފައެވެ. އެ އާޔަތުގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ."

މި މަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައާއި ގުޅިގެން ޝެއިޚް އިލްޔާސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް، ފުލުހަށް ހާޒިރުވާން އެންގެވިއިރު، ޝެއިޚް އިލްޔާސް ވަނީ މެލޭޝިޔާ އަށް ވަޑައިގެންފަ އެވެ. އަދި އެ ފަހުން ޝެއިޚް އިލްޔާސް އެނބުރި މާލެ ވަޑައިގެންފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިލްޔާސް ވަނީ އަފްރާޝީމްގެ މަރާ ގުޅުން ހުރި، ނުވަ ގަތުލެއް މިހާތަނަށް ރާއްޖޭގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އިލްޔާސްގެ މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވީ، އެފަދަ މައުލޫމާތެއް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ އެ މައްސަލާގައި އިލްޔާސްއާ ސުވާލު ކުރުމަށް އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.